1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ތިން ރަށުން ވެސް ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބެމުން އަންނަ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިވެންޓްސް ޑިޕާރޓްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރ މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުޙައްމަދު އައްބާސް ވިދާޅުވީ، މިފަހަރުގެ ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވިފައިވާ ރަށްތައް ކަމުގައިވާ ހއ ކެލާ، ކ. ގުރައިދޫ އަދި ލ. ގަން، މި ތިން ރަށުންވެސް ރާވައި ހިންގައި ހަރަކާތްތައް ވުޒާރާއިން ވިލަރެސްކުރަމުން އަންނަ ކަމުގައެވެ. އަދި އެހެން ޢީދުތަކެކޭ އެއްގޮތަށް، މި ޢީދަކީ ވެސް ފޯރިގަދަ ސަގާފީ ޢީދަކަށް ހެދުމަށް ހުރިހާ ރަށަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި އައްބާސް ވިދާޅުވިއެވެ.
"ޢީދު ފާހަގަކުރުމުގައި އިހުގެ ގޮތްތަކަށް އިޔާދަ ވުމަށް، ސަގާފީ އާދަތަކާއި ކުޅިވަރުތަކަށް އިސްކަން ދިނުމަށް ވުޒާރާއިން ހިތްވަރުދެން. އެކަމަށް ކައުންސިލްތަކުން ވެސް އެއްބާރުލުން ދޭކަން އުފަލާ އެކު ފާހަގަކުރަން. އެގޮތުން އިހުގެ ފޯރިގަދަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ، މަންޑި، ތިން މުގޯލި ފަދަ ކުޅިވަރުތައް މި ޢީދުގައި މި ތިން ރަށުންވެސް ފެންނާނެ." އައްބާސް ވިދާޅުވިއެވެ.
އަދި ސްޓޭޖް ޝޯތަކުގައި ވެސް މިޔުޒިކްގެ ބަދަލުގައި ލަނގިރި، ބަނޑިޔާ ފަދަ ހަރަކާތްތަކަށް އިސްކަން ދީގެން ޕްރޮގްރާމް އެކުލަވާލުމަށް ކައުންސިލްތަކާ ވާހަކަދައްކަމުންދާ ޢައްބާސް ވިދާޅުވިއެވެ. އުންމީދު ކުރަނީ ވަރަށް ފުރިހަމަ ސަގާފީ ކުޅިވަރުތަކެއް ފެނިގެން ދާނެ ކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ.
ޢައްބާސް ފާހަގަކުރެއްވި ގޮތުގައި ޒަމާނަށް އައި ބަދަލުތަކާ އެކު ދިވެހިންގެ ސަގާފީ ކުޅިވަރުތައް ފަހަކަށް އައިސް ފެނުން މަދުވެފައިވީ ނަމަވެސް، މިދިޔަ އަހަރާއި މި އަހަރުގެ ޢީދު ފާހަގަކުރުމުގައި އެފަދަ ހަރާކާތްތަކަށް އަލުން ދިރުން ގެނައުމަށް ވުޒާރާގެ އިސްނެގުމުގެ މަތިން މި ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އަދި ވަކި ވަކި ރަށްރަށަށް ޚާއްޞަ ކުޅިވަރުތަކުގެ ގޮތުގައި މަޝްހޫރު ކުޅިވަރުތައް މިހާރު ވެސް ރާވާފައި ހުރި ކަމުގައި އައްބާސް ފާހަގަކުރެއްވިއެވެ.
"މިސާލަކަށް، މަލިކު ދަނޑިއަކީ ކެލާގެ ވަރަށް ޚާއްސަ ޢީދު ހަރަކާތެއްގެ ގޮތުގައި މަޝްހޫރު ކުޅިވަރެއް. ކެލާއިން މައުލޫމާތު ދޭ ގޮތުގައި ކެލާ ޒުވާނުންގެ ފަރާތުން މަލިކު ދަނޑި މިފަހަރު ވަރަށް ފުރިހަމަ އަށް ގެނެސްދޭނެ،" ޢައްބާސް ވިދާޅުވިއެވެ.
އަދި މައިދާނީ ކުޅިވަރުތަކަށް ވެސް ޖާގަ ދިނުމުގެ ގޮތުން ބައިބަލާ އަދި ފައިގަތަޅާ ފަދަ ކުޅިވަރުތައް ލ. ގަމުގައި ރާވައި، މިހާރު ފަރިތަ ކުރުންތައް ވެސް ފޯރިއާ އެކު ފަށާފައިވާ ކަމުގައި ޢައްބާސް ވިދާޅުވިއެވެ. އަދި ރަށް ޢީދަށް ދިއްލާ ޒީނަތްތެރިކުރުމާއި، މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ގިޑިގެތައް ތައްޔާރުކުރުމާއި، ސަގާފީ ކެއުންތަކުގެ ތައްޔާރީތަކަކީ ވެސް މިހާރު ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާ ހަރަކާތްތައް ކަމުގައި އައްބާސް ވިދާޅުވިއެވެ.
ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ތިން ރަށުގެ ހަރަކާތްތައް ޕަބްލިކް ސާރވިސް މީޑިއާގެ ޗެނަލްތަކުން ލައިވްކޮށް މުޅި ރާއްޖެއަށް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ޢައްބާސް ފާހަގަކުރެއްވިއެވެ.

