އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގަމުންދާ އިމާރާތުގެ ހާލަތު ދަށްވެފައިވުމާ ގުޅިގެން، އެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އައިކޮމްއިން އާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮފީސް ހިންގަމުންދާ އިމާރާތުގެ ހާލަތު ވަނީ އެތަނުގައި މަސައްކަތްކުރެވޭ ވަރަށްވުރެ ދަށްވެފައެވެ. މިކަން ހާމަކޮށްދިނުމުގެ ގޮތުން އިމާރާތުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއްވެސް އެ އޮފީހުން ވަނީ އާންމުކޮށްފައެވެ.
މި ބަދަލާ ގުޅިގެން، މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައިކޮމްގެ އެންމެހައި މަސައްކަތްތައް ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި އެ އޮފީހުގެ ޚިދުމަތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 3010990 ނަންބަރު ފޯނާ ގުޅުމަށް އައިކޮމްއިން އަންގައިފައިވެއެވެ.
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ކަމަށްވާ އައިކޮމްގެ މައިގަނޑު މަސްއޫލިއްޔަތަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދިނުމެވެ. އަދި މި ޙައްޤު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމެވެ.
އައިކޮމްގެ އިމާރާތުގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަލުން އާންމު ގޮތަށް މަސައްކަތްތައް ފެށޭނެ ދުވަހެއް އަންގާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

