ކައިވެނި ހަފްލާއެއްގެ ކަންކަން އިންތިޒާމުކޮށްދޭނެ ކަމަށް ބުނެ ބަޔަކު އަތުން ފައިސާ ނަގައި، ކައިވެނި ޕާޓީއަށް ކާތަކެތި ފޯރުކޮށްނުދިން ކަމަށް "ޖަސްޓް މެރީޑް" އަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު "ހައުސް އޮފް ޖެއިޑް" ގައި ބޭއްވި ކައިވެނި ހަފްލާއެއް އިންތިޒާމް ކުރުމަށް ދެމަފިރިއަކު "ޖަސްޓް މެރީޑް" އާ ހަވާލުކުރި ފައިސާ ނެގުމަށްފަހު، ކާބޯތަކެއްޗަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެ ހަފްލާއަށް ވަޑައިގެންނެވި މެހެމާނުންނަށް ކެއުން ނުދެވި، އެ ދެމަފިރިންނަށް ލަދުވެތިކަމާ ކުރިމަތިލާން ޖެހުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
ކައިވެނިކުރި ދެމަފިރިންގެ ތެރެއިން އެކަކު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ހައުސް އޮފް ޖޭޑް ހިފުމަށާއި ކޭޓަރިންގ އަދި ޑެކަރޭޝަންގެ ކަންކަން ކުރުމަށް 20,000 ރުފިޔާ ލައުޒާން މުހައްމަދު ހުނައިން އިސްވެ ހިންގާ "ޖަސްޓް މެރީޑް" އާ އޭޕްރީލް 1 ވަނަ ދުވަހު ހަވާލުކުރިއެވެ. އޭގެ އިތުރުން މެއި 4 ވަނަ ދުވަހު 14,500 ރުފިޔާ އަދި މެއި 13 ވަނަ ދުވަހު އިތުރު 50 މީހުންނަށް ކެއުން ހަމަޖެއްސުމަށް 7,500 ރުފިޔާ ދީފައިވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ހުނައިން ހައުސް އޮފް ޖެއިޑަށް ފައިސާ ނުދެއްކުމުގެ ސަބަބުން، ޕާޓީ ފެށުނުތާ ގަޑިއިރެއްވީއިރުވެސް ކާބޯތަކެތި ނުލިބި، ކައިވެނިކުރި ދެމަފިރިންނަށް ހަޔާތުގެ އެންމެ އުފާވެރި ދުވަހު ރޮއި، ހާސްކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުނު ކަމަށް އެ ދެމަފިރިން ވަނީ ހާމަކޮށްފައެވެ.

