ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ޑަބްލިއުއެޗްއޯ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި އެވޯޑް ރައީސަށް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާތީއެވެ.
ހަރުދަނާ ފިޔަވަޅުތައް؛ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ދުންފަތާ ދެކޮޅަށް ވަނީ ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމާއި، ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރެއްވުން ހިމެނެއެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމަށް ގެނެވުނު ގާނޫނީ އިސްލާހެވެ. މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކާއިރު، ގަންނަ ފަރާތަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އަށްފަހު އުފަންވެފައިވާ މީހެއް ނޫންކަން ކަށަވަރުކުރަން ޖެހެއެވެ.
އިތުރު ހަރުދަނާ ފިޔަވަޅުތައް؛
މީގެއިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފައެވެ. އަދި ދުންފަތުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް އެހެން ވިޔަފާރިތަކަށް ބަދަލުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
“އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާ އުޅެން. މިއީކީ ކުރާވަރު ކަމެއް ނޫނޭ،” މިފަދައިން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

