ވިލާތުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަސްމީކޮށް ވަކިވިތާ 9 އަހަރު ފަހުން، ދިފާޢީ އަދި ވިޔަފާރީގެ ރޮނގުން ގުޅުންތައް ފުޅާކުރުމަށް އެ އިއްތިހާދާ އެކު ބޮޑު އެއްބަސްވުމެއްގައި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތް ގުޅިގެން ޕްރޮކިޔުމަންޓް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ކާބޯތަކެއްޗާއި ދަނޑުވެރި އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާއެކު އީޔޫއަށް އެތެރެކޮށް، 2040 ވަނަ އަހަރާ ހަމައަށް 12.1 ބިލިއަން ޑޮލަރު އެ ގައުމުގެ އިޤްތިޞާދަށް އިތުރުވެގެންދާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުންޏެވެ.
މީގެކުރިން އިނގިރޭސިވިލާތުން ވަނީ އިންޑިއާ އާއި އެމެރިކާ އާއެކުވެސް ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށް އޮތް 12 އަހަރު، މަސްވެރި އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތި ދެ ފަރާތުގެ ކަނޑުތަކުން މަސް ބޭނުމުގެ މަގުފަހިވެގެންދާއިރު، ދިފާޢީ އެއްބަސްވުމުގެ ދަށުން، ވިލާތުގެ ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގައި އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

