ކޮންމެ އަންހެން ކުއްޖަކުވެސް އެންމެ ހިތްގައިމު ހުވަފެން ދެކެނީ އެކުދިންގެ ކައިވެނީގެ ދުވަހާ މެދުގައެވެ. އެދުވަހަކީ އެކުދިންގެ ހަޔާތުގެ އެންމެ އުފާވެރި އަދި ހަނދާން ބަހައްޓަން ބޭނުންވާ ދުވަސްކަމުގައި ވުމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް އައިޝަތު ނަދާގެ ކައިވެނީގެ ދުވަސް ވެގެން ދިޔައީ، އޭނާގެ ހަޔާތުގައި އެންމެ ހިތި ތަޖުރިބާ ކުރަން ޖެހުނު ދުވަހަށެވެ.
ނަދާ އޭނާގެ ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓާއެކު ވައިރަލްވީ ހަމައެކަނި އެޕޯސްޓު ވައިރަލް ވުމުގެ އިތުރަށް އެތައް ބައެއްގެ ހެޔޮބަސްތަކާއެކު ދެރަވާފަދަ ބަސްތައްވެސް ރައްދުވިއެވެ.
ނަދާއާއި އޭނާގެ ފިރިމީހާގެ ކައިވެނި ޕާޓީގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި "ޖަސްޓް މެރިޑް" އާ ހަވާލުކުރީ އުއްމީދުތަކަކާއެކުގައެވެ. ހަޔާތުގެ އެންމެ މުހިންމު ދުވަހުގެ އެންމެ ހާއްސަ އެއް މަސައްކަތް ކަމަށްވާ ކައިވެނީގެ ވަލީމާގެ ކެއްކުމާއި ތަން ބެލެހެއްޓުމުގެ، އާދެ، ކޭޓަރިންގެ މަސައްކަތެވެ. ހައުސް އޮފް ޖޭޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ ޑެކަރޭޝަނާއި، 200 މީހުންގެ ކެއުން ހިމެނޭ ޕެކޭޖަށް އެޕްރީލް 1 ގައި 20,000 ރުފިޔާ ދެއްކިއެވެ. އޭގެ ފަހުން އިތުރު 14,500 ރުފިޔާއާއި 50 މީހުން އިތުރުކުރުމަށް 7,500 ރުފިޔާ ދައްކާފައިވެއެވެ.
ހަވީރު 4:00 ގައި ކައިވެނިކޮށް، 5:00 އިން 7:30 އަށް ހަމަޖެހިފައިވާ ޕާޓީ ފެށުނު އިރުވެސް ކާއެއްޗެހި ތައްޔާރުވެފައި ނެތުމަކީ އެދެމަފިރިންނަށް ލިބުނު ފުރަތަމަ ޝޮކެވެ. ޕާޓީ ނިމެން ގަޑިއިރަކަށްވީ އިރުވެސް ބަދިގެއިން ކާއެއްޗެހި ނުނެރެވުނެވެ. މައްސަލަ ހައްލުކުރުމަށް ނަދާގެ ފިރިމީހާއާއި ބޭބެ 5:45 އާ ހަމައަށް "ޖަސްޓް މެރިޑް" ގެ ހުނައިނަށް ގުޅަމުން ދިޔަ ނަމަވެސް، އޭނާ ބުނަމުން ދިޔައީ ބަލަމުންދާ ކަމަށެވެ.
މައްސަލައިގެ ޙަޤީޤަތް އެނގުނީ ހައުސް އޮފް ޖޭޑުގެ ކޭޓަރިންގ މުވައްޒަފުންނާ ވާހަކަދެއްކުމުންނެވެ. "ޖަސްޓް މެރިޑް" އިން ވެންޑަރަށް ދައްކަންޖެހޭ 37,000 ރުފިޔާ ނުދެއްކުމުގެ ސަބަބުން، ތައްޔާރުކޮށްފައި ހުރި ކާއެއްޗެހި ނުނެރެވުނު ކަމަށް އެމުވައްޒަފުން ބުންޏެވެ. ނަދާއާއި އާއިލާގެ މީހުން އާދޭސްކުރުމުންވެސް ކޭޓަރިންގ މުވައްޒަފުން ކާއެއްޗެހި ނުނެރުމުން، އާއިލާގެ މީހުން އަމިއްލައަށް ބަދިގެއިން ކާއެއްޗެހި ނަގައިގެން މޭޒުތަކުގައި އެތުރިއެވެ.
ހަޔާތުގެ އެންމެ މުހިންމު އެއްދުވަސް، ޑައިރީގައި ލިޔެވުނީ ހިތި ތަޖުރިބާއެއްގެ ގޮތުގައި ކަމަށްވި ނަމަވެސް އެއްކަމެއް ޔަގީނުންވެސް ނަދާގެ އެ ހާއްސަ ދުވަހު ވަރަށްވެސް ފުރިހަމައެވެ. ކަންތައް ކޮންމެ ގޮތަކަށް ވެގެންދިޔަކަމުގައި ވިޔަސް ނަދާގެ އަތުގައި ހިފައިގެން ހުރި އޭނާގެ ހަޔާތުގައި ބައިވެރިޔާގެ ސަޕޯޓާއި އަޅާލުން އެންމެ ފުރިހަމައަށް ލިބުނުކަން ގައިމެވެ. އާ ހަޔާތުގެ ފެށުމަށް ބޭއްވި ޕާޓީ ފުރިހަމަ ނުވުމުގެ ހިތާމަ އޮތަސް އެހެން އަންހެންކުދިންނެކޭ އެއްގޮތަށް ނަދާގެ ހަނދާނުގެ ފަށްފުށްތަކަށް އެދުވަަސް ފެވޭނީ އަބަދުވެސް ރަންކުލައިންކަން ޔަގީނެވެ.

އަނެކާގެ ތަޖުރިބާއިން އިބުރަތްތެރި ފިލާވަޅެއް ލިބިގަންނަންޖެހޭ!
މި ހިތާމަވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިންމު އެއް އިބުރަތަކީ، މިފަދަ މުހިންމު ކަންކަމުގައި ވިޔަސް ރަނގަޅަށް ބަލާ ޗެކްނުކޮށް ފައިސާ ދޫކޮށްލުމުގެ ނުރައްކާތެރިކަމެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި، އިޝްތިހާރުތަކަށް ބަރޯސާވެ، އެކަށީގެންވާ ރިސަރޗެއް ނުކޮށް ނިންމާ ނިންމުންތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކެވެ.
ކުރިމަގަށް ނަގަންޖެހޭ ފިލާވަޅުތައް؛ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް:
- ޚިދުމަތް ދޭ ފަރާތުގެ ކުރީގެ މަސައްކަތްތަކާއި ތަޖުރިބާ ބަލައި ޗެކްކުރުން
- އެއްބަސްވުމެއްގައި ސޮއިކުރުމާއި، ހުރިހާ މުޢާމަލާތެއް ލިޔުމުން ބެހެއްޓުން
- ފައިސާ ދެއްކުމުގައި ރައްކާތެރި އުސޫލުތަކެއް ގެންގުޅުން
- އެހެން ފަރާތްތަކުގެ ތަޖުރިބާތައް ހޯދުން
ނަދާގެ ހާދިސާއަކީ އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް މުހިންމު އިބުރަތްތެރި ފިލާވަޅެކެވެ. ކައިވެނީގެ އުފާވެރި ދުވަސް ހިތާމައިގެ ދުވަހަކަށް ބަދަލުވެގެން ދިޔަ މި ހާދިސާއިން، އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. ޚާއްޞަކޮށް މިފަދަ މުހިންމު ދުވަސްތަކުގައި ޚިދުމަތް ހޯދުމުގައި ވީހާވެސް ބޮޑަށް ފަރުވާތެރިވެ، ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމަށް، ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ.

