ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ބާކީ މަސައްކަތް މި މަސްތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް، ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
"ރަށުގެ ރައްޔިތުންގެ އެދިލެއްވުމާ އެއްގޮތަށް މި ޕްރޮޖެކްޓު އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި، އަޅުގަނޑުމެން މަސައްކަތް ފަށާފައި އިންނާނީ އޭޕްރީލް 7 ވަނަ ދުވަހުގެ ރޭ. ބާކީ ހުރި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް މިއޮތް އެއް ހަފްތާގެ ތެރޭގައި ނިންމާލެވޭނެ،" އަހުމަދު ސައީދު ވިދާޅުވިއެވެ.
83 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ގުޅިއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަހުމަދު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ރޭވިފައިވާ މަޝްރޫއެއް ނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުގައި ދަމަހައްޓައިފިނަމަ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެއެވެ.
އެމްޓީސީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއާއެކު ގުޅީގެ 150 އާއި 200 އާ ދެމެދުގެ އަދަދެއްގެ ރައްޔިތުންނަށް ބިން ލިބި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުން ވަނީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ގެންދަވާތީ އުފާފާޅުކޮށް، ޝުކުރު ދަންނަވާފައެވެ.

