ބ. އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 75.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ކަމަށްވާއިރު، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުން ހިމެނެއެވެ.
އޭދަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 2019 ވަނަ އަހަރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ފިޔަވަހީގެ ދަށުން 17,785 އަކަމީޓަރުގެ މަގު ހަދައި، ފެން ހިންދާ ނިޒާމު ގާއިމުކޮށް، 172 އެލްއީޑީ ބޮކި ހަރުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި އާރުޑީސީއާ ހަވާލުކުރުމާއެކު، އޭދަފުށީގެ މަގުތައް އިތުރަށް ތަރައްގީވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

