ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ނަން ހުށަހަޅުއްވާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހާމަކުރައްވައިފިއެވެ.
މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހަމަވެފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި އަހަރު އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ދެވިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ވަޒީފާގެ ލިޔުންތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ. އަދި އިންޓަވިއުއަށް ޝަރުތުހަމަވާ ބޭފުޅުން ކަނޑައަޅައި، އިންޓަވިއު މަރުހަލާ ވެސް ވަނީ ފަށާފައެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. މި އިނާމު ދެވެނީ އެ މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. އަދި މި އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

