ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ގާއިމްކުރުމަށް ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ހދ. ކުޅުދުއްފުށި ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެމްޕީއެލްއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާނެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ހއ، ހދ، ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ލޮޖިސްޓިކަލް ހަބެއް ކުޅުދުއްފުށީގައި ގާއިމުކުރުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން، ތާޒާ ތަރުކާރިއާއި މޭވާ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ. މި މަޝްރޫޢުގެ ސަބަބުން އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ ހަރުދަނާކަން އިތުރުވެ، މުދާ އެތެރެކުރުމުގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިގްތިސާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން މުހިންމު މަޝްރޫޢެއް ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

