ޤައުމިއްޔަތު ކޮލެޖުގެ “ދިވެހި ޤައުމިއްޔަތުގެ އިސްވަރު”ގެ ދެވަނަ ސިންތާ “ކެތި ނަކަތުގެ ސިންތާ” ގެ ނަމުގައި ބާއްވައިފިއެވެ. މި ސިންތާގައި މިފަހަރު އަލިއަޅުވާލާފައިވަނީ “ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް” މި މައުޟޫއަށެވެ.
މި ސިންތާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ފަންނުގެ އިސްވާރު މަރްޔަމް ޢިޝާ ޢަބްދުލްޢަޒީޒް ވަނީ ދިވެހިންނަކީ ގެތުމާއި ވިޔުމަށް ފަރިތަ ބަޔަކަށްވެފައިވާކަން ފާހަގަކުރައްވާފައެވެ. “ފޭރާން ވިއުން، ކުނާވިއުން، ފަންގިވިނުން، ރިޔާ ވިއުން، ރޯނުވެށުން، ހިރު ގެތުން، ކިނާރި އެޅުން މިހުންނަނީ މުޅިންވެސް އަޅުގަނޑުމެންގެ އަތްތަކުގެ ފަރިތަކަމުގެ މައްޗަށް ބިނާވެފައި ހުރި ހުނަރުތަކާއި ފަންނުތައް” އޭނާ ވިދާޅުވިއެވެ.
ސިންތާގައި ކަސަބު ގެތުމުގެ މާހިރު ފާތުމަތު ނަދުހާ އަބްދުލްމުޙުސިން ވެސް ބައިވެރިވެ ވަޑައިގެން، އެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. “ދިވެހި ލިބާސް އަޅުގަނޑުމެން މާނަކުރަނީ ދިވެހި އަންހެނުން ލާއުޅޭ ފޭރާންތަކުގެ ތެރެއިން އޭގައި ވަކި ސިފަތަކެއް އެކުލެވޭ ބޯވަޅުއެޅި އަދި ބޯވަޅު ނާޅާ ލިބާހެއް” ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަސަބު ލިބާހާ ގުޅޭގޮތުން ކުރަމުންދާ ދިރާސާގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފަތުރާ އާލާކުރުމަށާއި، ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް އުފައްދާފައިވާ ކޮލެޖެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ އެކި ބަހާތަކާ ގުޅޭގޮތުން، ރާއްޖޭގެ ދެ މޫސުމާއި ނަކަތްތަކުގައި ސިންތާތަކާއި މަހާސިންތާތައް އިންތިޒާމުކޮށް ބޭއްވުން ހިމެނެއެވެ.

