މާލޭގެ ހާބަރު ސަރަހައްދުން އިއްޔެ ގެނބުނު 44 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ދެރަކަމަށާއި، މިވަގުތު އޭނާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި ގެނބުނު ފަރާތް ސަލާމަތްކުރެވިފައިވަނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ގެ ހިތްވަރުގަދަ މަސައްކަތުންނެވެ. ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އުޅުނު ފުކޫ ވަނީ ލަސްނުކޮށް ގެނބުނު ފަރާތް ސަލާމަތްކޮށްފައެވެ.
އައިޖީއެމްއެޗުން ދިން މައުލޫމާތުގައިވާ ގޮތުން، ހޮސްޕިޓަލަށް ގެނެވުނުއިރުވެސް އެ ފަރާތުގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި މިވަގުތު އޭނާގެ ހާލަތު ވަނީ ދެރަކޮށެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ތަހުގީގެއް ފަށާފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

