ރާއްޖޭގެ އަތޮޅުތަކުގެ 47 ރަށެއްގައި ހައުސިން ޔުނިޓުތައް އިމާރާތްކުރުމަށް ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އިމާރާތްކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޑިޒައިން އެންޑް ބިލްޑް އުސޫލުން، ފަސް އިޢުލާނެއް ކުރިކަމަށާއި، އޭގެތެރެއިން 47 ރަށެއްގައި ގެދޮރު އެޅުމަށް ކުރި ހަތަރު އިޢުލާނުގެ ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަދަލުތައް ގެނެސްފައިވަނީ ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތަށާއި ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތަށެވެ.
ބަދަލުކޮށްފައިވާ މުއްދަތުތަކަކީ:
- 15 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 29 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 1 އަށް ފަސްކޮށްފައިވޭ
- 10 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 28 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 2 އަށް ފަސްކޮށްފައިވޭ
- 8 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 29 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 3 އަށް ފަސްކޮށްފައިވޭ
- 14 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 26 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން މެއި 29 އަށް ފަސްކޮށްފައިވޭ
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތައް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމަށް އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ބިޑު ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، އެ ފައިސާ ދައްކަންޖެހޭނީ "ބަނޑޭރި ޕޭ" އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލްގައި ރަޖިސްޓަރީ ވާންޖެހޭނެ ކަމަށާއި، ބީލަމާ ގުޅޭ ހުރިހާ ފޯމެއް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހެން ޕްލެޓްފޯމެއް މެދުވެރިކޮށް ހުށަހަޅާ ބިޑުތައް ބަލައިނުގަންނާނެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބީލަން ހުށަހެޅުމާ ގުޅޭ ގައިޑް ބީލަން ޕޯޓަލުން ލިބެންހުންނާނެ ކަމަށާއި، ބީލަމާ ގުޅޭ އެންމެހައި ކަންކަން ގައިޑްގައި ބަޔާންކޮށްފައިވާ ގޮތަށް ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

