ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައިނބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭ 23:51 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު، އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފައެވެ.
މީގެ އިތުރުން އެ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

