އާ ކުޅިވަރު ޤާނޫނުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރައްވާފައެވެ. މިއީ ކުޅިވަރުގެ ޤާނޫނެއް ރާއްޖޭގައި ފާސްކުރެވި ޢަމަލުކުރެވެމުން އަންނަތާ 10 އަހަރު ވީއިރު، ބިލަށް އިޞްލާޙެއް ގެނެވުނު ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެންނަން ޖެހޭކަން، ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކާއި، ނޫސްވެރީންނާއި، ކުޅުންތެރީން ފާހަގަކުރަމުން އަންނަތާވެސް އަހަރުތަކެއް ވެއްޖެއެވެ. މި ސަރުކާރުން ހަވާލުވުމާއިއެކު ކުޅިވަރުގެ އެކި ފަރާތްތަކާ މަޝްވަރާކޮށް، މި ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ހެޔޮބަދަލުތަކެއް އަންނާނެ ގޮތަށް ކުޅިވަރު ޤާނޫނު މިހާރުވަނީ އިސްލާޙުކޮށްފައެވެ.
ކުޅިވަރުގެ ޤާނޫނު ތަސްދީގުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅިވަރު ޤާނޫނަށް މި ގެނެވޭ އިޞްލާޙުތަކާއެކު މުޅި ރާއްޖޭގައިވެސް، ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފަހިވެގެން ދާނެކަމަށެވެ. އަދި ބިލުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުންންކަމަށާއި، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން ބޮޑެތި އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބުންކަމަށެވެ.
ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށްވެސް، ޚިދުމަތް ދިނުމުގައި އަދި އާމުދަނީ ހޯދުމުގައި އަދި ފުރުޞަތުތައް ފަހިކޮށް ދިނުމުގައި މިދިޔަ 18 މަސްދުވަހުގެ ތެރޭ މުހިންމު ގިނަ ކަންތައްތަކެއް ސަރުކާރުންވަނީ ކުރައްވާފައެވެ. އެގޮތުން، ކުޅިވަރުގެ ޤާނޫނަށް ގެނައި ބަދަލާއެކު، ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފައްދާނެއެވެ.
މީގެ ނަތީޖާއަކަށް ވާނީ، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ކުޅިވަރު ކުޅެން އޮތް ފުރުޞަތު ފަހިވުމާއި، ކުޅިވަރު މުބާރާތްތައް ގިނަވުމުގެ އިތުރުން ކޮންމެ ކުޅިވަރަކަށްވެސް މޮޅު ކުޅުންތެރީންނަށް، ރަށްތަކުގައި ތިބެގެން ރަނގަޅު ތަމްރީނު ލިބުމެވެ. އަދި މި ކުޅުންތެރިންނަށް ޤައުމީ ފެންވަރުގައި ކުޅެން އަންނަން ފުރުޞަތު ލިބުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކަން ހިނގަމުން އައިގޮތަށް ބަލާއިރު، ޤައުމީ ޓީމުތަކުގައި އަދި ވަރަށް ގިނަ ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގައި ހަރަކާތްތެރިވާން ފުރުޞަތު މި އޮންނަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ދިރިއުޅޭ ކުޅުންތެރީންނަށްކަމަށާއި، އަތޮޅުތަކުގައި ވަރަށް މޮޅު ވަރަށް ހުނަރުވެރި ކުޅުންތެރީން އުފެދުނު ނަމަވެސް، އިތުރު ތަމްރީން ލިބުމާ، ޤައުމީ މުބާރާތްތަކަށް އައުމުގެ ފުރުޞަތެއް އެފަދަ ކުޅުންތެރީންނަކަށް ނިޒާމީ ގޮތެއްގައި ލިބިފައި ނޯންނަކަމަށެވެ.
ނަމަވެސް އިއްޔެ މި ތަޞްދީޤުކުރި ޤާނޫނުގެ ސަބަބުން، ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފަށައި، އެ މުބާރާތްތަކުގައި ރަށްރަށުގައި ތިބި މޮޅު ކުޅުންތެރީން ބައިވެރިވެ، އިތުރު ތަމްރީން ލިބިގެން، ޤައުމީ ފެންވަރުގައި ކުޅެން ފުރުޞަތު ލިބޭނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުންވެސް ޖާގަ ލިބޭނެކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިގޮތަށް މިނިޒާމު ހިނގަން ފެށުމުން، ރާއްޖޭގެ ޤައުމީ ޓީމުތަކުގައި ތިބޭނީ މުޅި ރާއްޖޭގެ ހުރިހާ ރަށްތަކުން ހޮވައިލެވޭ، މުޅި ރާއްޖެ ހަގީގަތުގައި ތަމްސީލު ކުރަން ޖެހޭ އެންމެ މޮޅު ކުޅުންތެރީންކަމަށެވެ.

