މ. މުލީގައި މިއަދު ހުޅުވުނު އެއަރޕޯޓުގެ ސަބަބުން އެ އަތޮޅުގެ ޞިއްޙީ ދާއިރާއަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށް، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބަލިމީހުން މާލެ ގެންދަން ޖެހޭ ޙާލަތްތަކުގައި، މި އެއަރޕޯޓުގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ކަނޑުގަދަ ވިޔަސް، ދަންވަރު ވިޔަސް ލޯންޗުގައި ބަލިމީހުން އުފުލަން ޖެހުނު ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ވަންޏާ ބަލިމީހުން މާލެއަށް އުފުލަމުންދަނީ ލޯންޗުގަ. ކިތަންމެ ކަނޑުގަދަ ކަމަށްވިޔަސް އަދި ވިއްސާރަ ކަމަށް ވިޔަސް ރޭގަނޑު ދަންވަރު ވެސް ބަލިމީހުން އުފުލަން ޖެހެނީ ހަމަ ލޯންޗުގަ. އެހެންވީމާ (މި އެއަރޕޯޓަކީ) އެ މައްސަލައަށް ވެސް އަންނާނެ ވަރަށްބޮޑު ޙައްލެއް،" ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން، މި އެއަރޕޯޓަކީ މ. އަތޮޅުގައި ހުރި ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން އުފުލުމުގެ މައި ދޮރޯއްޓަށް ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މި އެއަރޕޯޓުގެ ސަބަބުން މ. އަތޮޅަށް އާ ދިރުމެއް އަންނާނެ ކަމަށާއި، އަތޮޅުގެ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި، އިގުތިސާދީ ގޮތުން ވެސް އަތޮޅަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި އެއަރޕޯޓަކީ މ. އަތޮޅުގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަކުރައްވައި، އެއަރޕޯޓުގެ މަސައްކަތާއެކު އެހެން މަސައްކަތްތަކެއް ވެސް ރޭވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރަކީ މ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފަހި، ފާގަތި ފަސް އަހަރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

