ހދ.ކޭލަކުނާއި ށ.ފަރުކޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހދ.ކޭލަކުނު އަދި ށ.ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެކެވެ. އެހެންކަމުން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި އެހެނިހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް އެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒެވެ.
“މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ގާއިމްކުރުމުގެ މަސައްކަތާ ގުޅިގެން ކުރެވޭ މަސައްކަތެއް،” ސްޓޭޓް މިނިސްޓަރ ފާއިޒް ވިދާޅުވިއެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިނީޝިއަލް ކޮންސެޕްޓް ޑިޒައިންކުރުމާއެކު، ޕާކުގެ 3ޑީ ރެންޑަރިންގއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިކޮލޮޖިކަލް ބޭސްލައިން އެސެސްމެންޓެއްގެ އިތުރުން ފީސިބިލިޓީ އަދި މެނޭޖްމެންޓް ޕްލޭނެއްވެސް ހަދާނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާރުވެސް އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ނޭޗަރ ޕާކުތަކެއް ތަރައްޤީކޮށްފައިވާއިރު، މި ޕާކުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު މަންފާތަކެއް ވަމުންދާކަމަށް ފާހަގަކުރެވެއެވެ.

