މ.މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މުލީ ހިއްކި ބިމުގައި ތަރައްޤީކުރާ މި ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
171 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 32,250 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 4 ފަންގިފިލާއަށް އުފުލޭ އިމާރާތެކެވެ. މި އިމާރާތާއެކު ހޮސްޕިޓަލްގައި އިތުރު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެވޭނެއެވެ.
އާ އިމާރާތުގައި ކޮންސަލްޓޭޝަން ރޫމް، އޮޕަރޭޝަން ތިއޭޓަރ، އީ.އާރް، އެން.އައި.ސީ.ޔޫ، ކުޑަކުދިންގެ ވޯޑް، ޑެންޓަލް، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ ޚިދުމަތްތައް ހިމެނެއެވެ. މީގެއިތުރުން ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއްވެސް ހިމެނޭނެއެވެ. އަދި ވަކިން އިދާރީ މަސައްކަތަށް ޚާއްސަ އޮފީސް އިމާރާތެއްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
7,400 އެއްހާ މީހުން ދިރިއުޅޭ މުލަކަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ހޮސްޕިޓަލެކެވެ. ނަމަވެސް މި ދިގު މުއްދަތުގައި ޚިދުމަތާއި ފެންވަރުގެ ގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރައްޔިތުންނަށް އަމިއްލަ ރަށާއި ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އާ އިމާރާތާއެކު އިތުރު ޚިދުމަތްތައް ތަޢާރަފުކުރެވި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

