ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ޞިއްޙީ ވުޒާރާއާއި، ތައިލެންޑުގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ މިހާރު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތާ ބެހޭ 78 ވަނަ ސަމިޓުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ހަރުދަނާކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ޚިދުމަތް ވަރުގަދަކުރުމާއި، ޞިއްޙީ ނިޒާމުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ އިތުރުން ޞިއްޙަތާ ބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ދިރާސާތައް ކުރުމާއި، ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވިދާޅުވެފައިވަނީ، “ތައިލެންޑަކީ މިރީޖަންގައި ޞިއްޙީ ގޮތުން ބޮޑެތި ކުރިއެރުން ހޯދާފައިވާ ޤައުމެއް. އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އެޤައުމެއްގެ އެހީ ހޯދިދާނެ ފަދަ ޤައުމެއް. 3 އަހަރުގެ މިއެމްއޯޔޫގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުން” ކަމަށެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގ އެވެ.
އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށްވެސް ދެޤައުމުން މަސައްކަތްކުރާނެ ކަމަށް ވަނީ އެއްބަސްވެފައެވެ.

