މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު އެ އެއާޕޯޓަށް ޖައްސައިފިއެވެ. މިއީ އެ އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެކެވެ.
މި ޓެސްޓުގެ ތެރޭގައި ރަންވޭގެ ގާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ. މި ކަންކަމަކީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމަށް އެއާޕޯޓެއްގެ ގާބިލުކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.
މާފަރު އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން އެމްޓީސީސީ އިން ވަނީ ބޮޑެތި އަޕްގްރޭޑްތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި ހުޅުވުނު މި އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރެވުނު އެއާޕޯޓެކެވެ. އެއާޕޯޓު އެންމެ ފުރަތަމަ ތަރައްގީ ކުރެވުނީ އެއާބަސް އޭ 320 އާއި ބޮއިން 737 ފަދަ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގައެވެ.
މި އަޕްގްރޭޑްތަކާ އެކު މާފަރު އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ފުރުސަތު ލިބިގެންދިއުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިގްތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ. ޚާއްސަކޮށް ނ. އަތޮޅުގައި ހުރި ވެލާ ޕްރައިވެޓް އައިލެންޑް އަދި ސިޔާމް ވޯލްޑް ފަދަ ލަގްޒަރީ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި ތަރައްގީއާއެކު ދަތުރުފަތުރު އިތުރަށް ފަސޭހަވެގެންދާނެއެވެ.

