ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު މައުރަޒު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މިކަން އިއުލާނުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިސްނެންގެވުމުގެ ދަށުން ބޭއްވޭ މި މައުރަޒުގައި 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ. މިވަގުތު ކުރިއަށްދަނީ މައުރަޒުގައި ހިމެނޭ ޑިސްޓްރިކްޓުތަކުގެ މަސައްކަތް ނިންމާ، ވިޔަފާރިތަކާ ޙަވާލުކުރުމުގެ މަސައްކަތެވެ. އަދި މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތި ޖަޖުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.
މައުރަޒުގައި ބައިވެރިވާ ދާއިރާތައް؛
- މި މައުރަޒުގައި އަމިއްލަ ފަރުދުންނާއި،
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ދިވެހި ވިޔަފާރިތަކާއި،
- ޖަމުޢިއްޔާ ޖަމާޢަތްތަކާއި،
- ތަޢުލީމީ މަރުކަޒުތަކާއި،
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން
- ރަށު އަދި ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރެވޭނެ، މީގެ އިތުރުން
- މިއަހަރު އަލަށް ތަޢާރަފްކުރި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ތަކުގެ ދާއިރާއިންވެސް މައުރަޒަށް ތަކެތި ހުށަހަޅާފައިވެއެވެ.
މި މައުރަޒަކީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދީ، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ދިވެހި ފަންނުވެރިކަން އިސްތިހާރުކުރުމުގެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެވެއެވެ. ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން މައުރަޒަށް ތަކެތި ހުށަހަޅާފައިވާއިރު، އެންމެ ގިނައިން ތަކެތި ހުށަހަޅާފައިވަނީ ބ. ތުޅާދޫއާއި މާލެ ސިޓީންނެވެ.
މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

