އެމްއައި ކޮލެޖު (މައި ކޮލެޖު) އިން ރާއްޖޭގެ އެކި ކައުންސިލްތަކަށާއި ސްކޫލުތަކަށް 6،000 ގަސް ހަދިޔާކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްތަކުންނާއި ސްކޫލުތަކުން ވަނީ މި ގަސްތަކާ ހަވާލުވެފައެވެ.
އެމްއައި ކޮލެޖުގެ ޗެއާމަން އަދި ސީއީއޯ އަހުމަދު މޮޓާކީ ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ސަރުކާރުން އިފްތިތާހުކުރި ފަސް މިލިއަން ގަސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން އެ ކޮލެޖުން ހަދިޔާކުރި ގަސްތަކެކެވެ. މި ޕްރޮގްރާމުގެ ދަށުން 17 ކައުންސިލަކަށާއި އަމިއްލަ ޖަމްއިއްޔާތަކަށް ގަސްތައް ހަދިޔާކޮށްފައިވާއިރު، ކޮންމެ ކައުންސިލަކަށް ތިން ގަސް ދޫކޮށްފައިވެއެވެ.
“މައި ކޮލެޖުން މަސައްކަތް ކުރަނީ ގައުމަށްޓަކައި، މި ގައުމުގެ ކުދިން ގާބިލު ބަޔަކަށް ހެދުމަށް. އަންނަން އޮތް ޖީލުތަކަށް ނާޒުކު ތިމާވެށި ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން ގަސްތައް އިންދައި، ވެށި ފެހި ކުރަން ޖެހޭ،” މޮޓާކީ ވިދާޅުވިއެވެ.
އެމްއައި ކޮލެޖުން ހަދިޔާކުރި ގަސްތަކަކީ ސްޕެނިސް ޗެރީ ޕްލާންޓް ނުވަތަ މޫނި ގަހެވެ. އަދި ގަސްތައް ބޭނުންވާ އިތުރު ކައުންސިލްތަކަށް މިހާރުވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން މަޢުލޫމާތު ދީފައިވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން މި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުން ވަނީ ގިނަ އަދަދެއްގެ ގަސް އިންދާފައެވެ.

