މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ތިން މަޤާމަށް މެންބަރުން ހޮވުމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން ހުސްވެފައިވަނީ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މައުލޫމާތު ދެއްވި ގޮތުގައި، މި މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް މީޑިއާތަކުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު މިނިސްޓްރީން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ. މި މަޤާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އަންގާފައެވެ.
ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުރި “މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

