ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޖިއޯ ބޭގް ރިވެޓްމަންޓްގެ މަސައްކަތުގެ 85 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކާފައިވާ ސަރަހައްދުން 503 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމަށް ހަމަޖެހިފައިވާއިރު، 247 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 61.75 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢަކީ ނިލަންދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރު އަދި ބިން ހިއްކުމާއި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން އެމްޓީސީސީން ދަނީ ރަށްރަށުގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަމުންނެވެ.

