ލޮލުގެ ހުދުބަޔަށް ލޭއަރާފައި ހުރުން ނުވަތަ ރަތްވެ ލޭނާރު ހިލިފައި ހުންނަ ގޮތަށް ހުރުން ނުވަތަ ސަބްކޮންޖަންކްޓިވަލް ހެމަރޭޖް އަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ލޮލުގެ ހުދުބައިގައި ހުންނަ ކުދި ލޭހޮޅިތައް ފަޅައިގެން ގޮސް، އޭގެ ސަބަބުން ލޮލުގެ ހުދުބައިގައި ރަތްކުލަ ޖެހިގެން އަންނަ ހާލަތެކެވެ. މި ހާލަތަކީ ގިނަ ފަހަރަށް ނުރައްކާތެރި ކަމަކަށް ނުވިނަމަވެސް، އެކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ލޮލުގެ ހުދުބަޔަށް ލޭއަރާފައި ހުރުމަށް މެދުވެރިވާ ސަބަބުތައް
މި ހާލަތަށް މެދުވެރިވާ އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ބާރަށް ކެއްސުން ނުވަތަ ލޮލުގެ ބޮނޑިބާރުވުން ހިމެނެއެވެ. މީގެ އިތުރުން، ލޮލަށް ކުއްލިއަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ ލޭމައްޗަށް ދިއުމުގެ ސަބަބުން ވެސް މި ހާލަތު މެދުވެރިވެދާނެއެވެ. ބައެއް މީހުންނަށް ލޭ ހިކުމުގެ މައްސަލަތަކުގެ ސަބަބުން ނުވަތަ ވަކި ބާވަތެއްގެ ބޭސްތަކުގެ ސައިޑް އިފެކްޓެއްގެ ގޮތުންވެސް މި ހާލަތު ދިމާވެދެއެވެ.

ލޮލުން ބައެއް ރަތްވުން؛ ސަބަބުތަކާއި ފަރުވާ، ދެނެގަތުން މުހިންމު!—ފޮޓޯ:އައިވިކި
އާންމު އަލާމާތްތައް
މި ހާލަތުގައި އެންމެ ފާހަގަކުރެވޭ އަލާމާތަކީ ލޮލުގެ ހުދުބައިގައި ރަތްކުލަ ޖެހިފައި ހުރުމެވެ. ގިނަ ފަހަރަށް މިކަމަކުން ތަދެއް ނުވަތަ ވޭނެއް ނާޅާ ހާލަތެކެވެ. އެހެންނަމަވެސް ބައެއް ފަހަރު ލޮލުގައި ރިހުމާއި، ދުޅަވުން އަދި ލޮލުން ފެންއައުން ފަދަ އަލާމާތްތައް ފެނިދާނެއެވެ. މަދު ހާލަތްތަކެއްގައި ފެނުމަށް ކުޑަ ބަދަލެއް އައުން ވެސް އެކަށީގެންވެއެވެ.
ގޭގައި ދެވިދާނެ ފަރުވާ
ގިނަ ފަހަރަށް މި ހާލަތު އަމިއްލައަށް ރަނގަޅުވެއެވެ. ނަމަވެސް އަވަސް ޝިފާއަކަށްޓަކައި ލޯ އައިސްކިއުބުން ބޮނޑިތާން ކުރުމާއި، އާޓިފިޝަލް ޓިއަރ ޑްރޮޕްސް ބޭނުންކުރެވިދާނެއެވެ. މި މުއްދަތުގައި ކޮންޓެކްޓް ލެންސް ބޭނުންކުރުން ހުއްޓާލުމާއި، ލޯ އުނގުޅުން ވީހާވެސް މަދުކުރުން މުހިންމެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
ލޮލުގައި ގަދަ ރިހުމެއް އިހުސާސްވުމާއި، ދެ ލޮލަށްވެސް ބޮޑަށް ލޭއަރާފައި ހުރުން އަދި ފެނުމަށް ބޮޑު ބަދަލެއް އައުން ފަދަ ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އަދި ބޮލުގައި ގަދައަށް ރިއްސުން ނުވަތަ ލޭމައްޗަށް ދިއުމުގެ ހާލަތެއް ކުރިން ދިމާވެފައިވާނަމަ ވެސް ޞިއްޙީ ލަފާ ހޯދަންޖެހެއެވެ.

ލޮލުން ބައެއް ރަތްވުން؛ ސަބަބުތަކާއި ފަރުވާ، ދެނެގަތުން މުހިންމު!—ފޮޓޯ:އައިވިކި
ރައްކާތެރިވުމުގެ ފިޔަވަޅުތައް
މި ހާލަތުން ރައްކާތެރިވުމަށް ލޭގެ ޕްރެޝަރު ރަނގަޅަށް ބެލެހެއްޓުމާއި، ނުރައްކާތެރި ކުޅިވަރު ކުޅޭއިރު ލޮލަށް ރައްކާތެރި އާލާތްތައް ބޭނުންކުރުން މުހިންމެވެ. އަދި ލޮލުގައި ބާރަށް ނުއުނގުޅުމާއި، ލޮލަށް އަނިޔާވެދާނެ ހަރަކާތްތަކުން ދުރުހެލިވުން ވެސް މުހިންމެވެ. ހަކުރުބަލި ފަދަ ބަލިތައް ހުރި ފަރާތްތަކުން އެކަށީގެންވާ ފަރުވާ ހޯދުމަކީ ވެސް މުހިންމު ކަމެކެވެ. އަތްވަށް ނުކުންނައިރު އަވި އައިނު ބޭނުން ކުރުން ވަރަށް މުހިންމެވެ.
ލޮލުގެ ހުދުބަޔަށް ލޭ އެރުމަކީ ގިނަ ފަހަރަށް ނުރައްކާތެރި ހާލަތެއް ނޫނެވެ. ނަމަވެސް އިތުރު އަލާމާތްތަކެއް ފެނިއްޖެނަމަ، ނުވަތަ ހާލަތު ގޯސްވަމުންދާނަމަ، ވީހާވެސް އަވަހަކަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މި ހާލަތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
(މައުލޫމާތު؛ ހެލްތުލައިން، މާޔޯކްލިނިކް ޓިޕްސް، ޗެކްކޮށްދެއްވީ ޑރ ހަދީޝާން)

