ދަރިން ތަރުބިއްޔަރު ކުރުމުގައި މަންމައާއި ބައްޕަގެ ހަމަހަމަ ހިއްސާއެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޒީނާ ޤާސިމް ވިދާޅުވެއްޖެއެވެ.
ޕްރޮގަރާމެއްގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމައާއި ބައްޕަގެ ހަމަހަމަ ބައިވެރިވުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ދަރިން ތަރުބިއްޔަތުކުރުމުގައި، މަންމައާއި ބައްޕައާއި އެއްވަރަކަށް ހިއްސާވެގެން މަސައްކަތްކުރާނަމަ ދަރިން ބޮޑެތިވެގެން އަންނާނީ އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖްތަމަޢަށް ބޭނުންތެރި، ޒިންމާދާރު އަދި އުފާވެރި ބައެއްގެ ގޮތުގައި ކަމަށެވެ.
ހަމައެހެންމެ، ކުއްޖާ ހެދިބޮޑުވުމުގައި ޢާއިލީ ގުޅުމަކީވެސް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ޢާއިލާ ތެރޭގައި ރަނގަޅު ގުޅުމެއް ދެމެހެއްޓިފައިވާނަމަ، ބޮޑެތިވެގެން އަންނަ ކުދިން އެހެންމީހުންނާއި ވެސް މުޢާމަލާތް ކުރާއިރު މިފަދަ ރަނގަޅު ގުޅުންތައް ޤާއިމުކުރާނެކަމަށެވެ.
“މައިންބަފައިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމުކުރެވިފައިވާނަމަ ދަރިންނަށް އޭގެއިން ގިނަ ފައިދާ ލިބޭނެ، މިސާލަކަށް އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވުން، އަބަދުވެސް ޤަބޫލުކުރާނެ، މައިންބަފައިންވާނީ އެކުއްޖާ އެކުގައި ކަން، އަދި ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިއަސް މަންމަވެސް ބައްޕަވެސް އެކުގައި ވާނެކަން އިހްސާސްކުރެވޭނެ.” ޑެޕިއުޓީ މިނިސްޓަރ ޒީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޢާއިލާ ރޫޅުން ނުވަތަ މައިންބަފައިން ވަކިވާ ހާލަތްތަކުގައި، މަންމައާއި ބައްޕަ ގުޅިގެން ކުއްޖާއަށް އޭގެއިން ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް އެކަންތައްތައް ކިޔައިދީ ވިސްނައިދިނުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ޑެޕިއުޓީ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ހާލަތު ބަދަލުވިނަމަވެސް، މަންމައާއި ބައްޕައާއި ދަރިފުޅާ އޮންނަ ގުޅުން އޮންނާކަމަށް ދަރިންނަށް ވިސްނައިދީ ބުނެދިނުމަކީ މުހިންމު ކަމެއްކަމަށް ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިގޮތަށް ތަރުބިއްޔަތުކުރެވިގެންދާ ކުދިންނަކީ މުސްތަޤުބަލުގައި މުޖުތަމަޢަށް ފައިދާ ހުރި ރަނގަޅު ދަރިންނަށް ވާނެ ކަމަގައި ވެސް ޑެޕިއުޓީ މިނިސްޓަރ ޒީނާ ވަނީ ފާހަގަކުރައްވާފައެވެ.

