ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް މުޢާމަލާތް ކުރާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އޮފަރ ޕޯޓަލްގައި ހިމެނޭ ވިޔަފާރިތަކުން ގަންނަ ތަކެއްޗަށް 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ވިޔަފާރިތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި، ކޮސްމެޓިކް ފިހާރަތަކާއި، ފަރުނީޗަރު ފިހާރަތަކުގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ފޯރުކޮށްދޭ ބޭންކެވެ. މި ގޮތުން 20 އަތޮޅެއްގައި 39 ބްރާންޗާއި، 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 165 އޭޓީއެމް ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން އޭޖެންޓް ބޭންކިންގ ޚިދުމަތާއި ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.
ބީއެމްއެލްގެ މައިގަނޑު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ފަދަ ޕްރޮމޯޝަންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތް ކުރަމުންދެއެވެ.

