ޅ. ގާއެރި ފަޅުކައިރީގައި ފީނަން އުޅުނު ބަޔަކު ތިބި ޑިންގީއަކާ ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 12:33 ހާއިރުގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، “މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވޭ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވޭ.” އަނިޔާވި ފަރާތްތަކަކީ ފަސް ދިވެހި ފިރިހެނުންނެވެ.
މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް މިވަގުތު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކްސިޑެންޓުގައި ހިމެނުނު ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ބުނެފައިވާއިރު، އިތުރު ތަފްސީލު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގި ސަބަބާއި، ލޯންޗުގެ ޒިންމާވާ ފަރާތާ ގުޅޭ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

