2007 އިން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަހަރުގެ ނޮވެމްބަރުން ފެށިގެން ރާއްޖޭގައި އެ ޖެނެރޭޝަން މީހުންނަށް ދުންފަތް ވިއްކުމާއި ބޭނުންކުރުން މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެއެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ. މި ބިލު ދިރާސާކުރުމަށް މެންބަރުންގެ ތެރެއިން ނެންގެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. ކޮމިޓީން ފާސްކުރި ގޮތާ އެއްގޮތަށް މަޖިލީހުން ބިލު ފާސްކުރެއްވީ، މިމަހުގެ 13ވަނަ ދުވަހު ބޭއްވި 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30ވަނަ ޖަލްސާގައެވެ.

