މި އަހަރުގެ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ޖުމްލަ 44 މައްސަލަ ހުށަހެޅިފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 28 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ހަމައެހެންމެ، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 08 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 05 މައްސަލައާއި، ޖިންސީ ހާނިކަކުރުމުގެ 02 މައްސަލައާއި، ހިފެހެއްޓުމުގެ 02 މައްސަލައާއި، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 02 މައްސަލައިގެ އިތުރުން، މުދާ ހިފަހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ 01 މައްސަލަ ވަނީ މިއަހަރު އެޕްރީލް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 40 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 04 މައްސަލައެކެވެ.

