ހުޅުމާލޭ ފޭސް ދޭއްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި މާލެއަށް ނިސްބަތްވާ 18 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ މ. ޝެލްޓާ މުހައްމަދު ރައިހާން ހުސައިން (18 އަހަރު) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 23:51 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ އެޗް 11 ސަރަހައްދުގައެވެ. މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވި އެއް ފަރާތުގެ ބޯ އިސްތަށި ދަށުން ފަޅައިގެން ގޮސްފައިވާއިރު، އަނެއް ފަރާތުގެ ބުރަކަށީގެ އެކި ހިސާބުތައް ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން މާރާމާރީ ހިންގި ފަރާތްތަކުން ދެ ފޯނެއް ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މުހައްމަދު ރައިހާން ހުސައިން ހައްޔަރުކޮށްފައިވަނީ ރޭ 23:10 ހާއިރުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

