ދުންފަތުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދަޢުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނޫންކަމަށާއި އެކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޖެނެރޭޝަން ބޭން ގެނައުމަށް، ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީޤުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ދުންފަތުން އާމްދަނީއެއް ނުވިއްޔާ ރަނގަޅީ. ނުވިސްނަން އާމްދަނީ ހޯދާކަން. ލިބޭ އާމްދަނީވެސް ހޭދަކުރާނީ އާއްމު ސިއްޙަތު ކުރިއެރުވުމަށް. ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ނަގާ އަދަދު 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރެވުނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޖެނެރޭޝަން ބޭންގެ އިސްލާހަށް 1 ނޮވެމްބަރުގައި ޢަމަލުކުރަން ފަށާއިރު، އެކަމަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި ތަންފީޒީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރޭވިފައިވާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

