މުލަކަތޮޅު ދިއްގަރާއި މަޑުއްވަރީގައި ބޭންކް އޮފް މޯލްޑިވްސްގެ 24 ގަޑިއިރުގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ. މި ދެ ރަށުގައިވެސް މި ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި ރަށު ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިއްގަރުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެކެވެ.
“ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެއް،” މިހެން ވިދާޅުވި ވަޒީރު އާދަމް ޝަރީފް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް އުއްމީދުކުރި ވަރަށްވުރެ ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ޚިދުމަތާއެކު ފައިނޭންސިންގ ޚިދުމަތްތަކާއި، ގެސްޓް ހައުސް ވިޔަފާރިއަށް ލޯނު ފަދަ އިތުރު ޚިދުމަތްތައްވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭ 100 އަށްވުރެ ގިނަ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުލަކަތޮޅުގެ 7 ރަށެއްގައި މިބުރުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މަޑުއްވަރިއަކީ މި ބުރުގައި ޚިދުމަތް ފެށުނު ދެވަނަ ރަށެވެ. މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

