ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޖުވެނައިލް ޖަސްޓިސްގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއަރޕާސަން އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ދެ އިދާރާއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުން ކަމަށެވެ. އަދި “މި ދެފަރާތް ގުޅިގެން ކަންތައްތައް ކޮށްފި ކަމަށްވަންޏާ މާދަމާގެ މުސްތަގުބަލައްޓަކައި މިއަދުގެ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ގިނަ ރަނގަޅު ކަންތައްތަކެއް ކުރެވިގެންދާނެ” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެއެވެ. އަދި މިއީ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ދެ އިދާރާ ދެމެދު ރަސްމީ އެއްބަސްވުމެއް ނެތުމުގެ ސަބަބުން ދިމާވަމުން އައި ޓެކްނިކަލް ދަތިތައް މި އެއްބަސްވުމުގެ ސަބަބުން ހައްލުވެގެންދާނެ ކަމަށާއި، ޑީޖޭޖޭއިން އެހީ ހޯދަމުން އަންނަ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް ލުބުނާ ޒާހިރު ވިދާޅުވިއެވެ.

