ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ހާމަކުރި ގޮތުގައި ބ. އަތޮޅުގެ ދަރަވަންދޫ އާއި ބ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ފެށުމާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޑީއެންއާރުން ވަނީ ފާހަގަ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީއެންއާރުން މިހާތަނަށް ވަނީ ރާއްޖޭގެ 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފައެވެ. މީގެ އިތުރުން، ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައި ވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން، ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ މެލޭޝިޔާގައެވެ. މެލޭޝިޔާގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ޚިދުމަތް އިތުރު ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑީއެންއާރުން މަޢުލޫމާތު ދީފައިވެއެވެ.

