ސިނަމާލެ ބްރިޖު މަތީ ދެ އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރޭ 9:48 ގައި ސިނަމާލެ ބްރިޖު މަތީ 2 އެކްސިޑެންޓު ހިނގާފައިވާ ގޮތުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ އޭގެ ތެރެއިން ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ، ސިގްނަލް ދީގެން މަޑު ކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އަނެއް ސައިކަލު އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރުގައި އެ ދެ ސައިކަލު ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓް ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރުގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފަހުން ހިނގި މި އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަދި މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

