ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކާނާގެ ތެރޭގައި ފުރެއްދެ އަލަ އާއި ގޮބޮޅި އަލަ ހިމެނެއެވެ. މި ދެ ބާވަތަކީވެސް ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ، އަދި ޒަމާނުއްސުރެ ދިވެހިން ކައްކައިގެން ކައި އުޅޭ ދެ ބާވަތެވެ. ގޮބޮޅި އަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް ގޮބޮޅި އަލައިގައި ގުލޫޓެން އެއް ނުހުންނާނެ އެވެ. ގުލޫޓެން އަކީ ބަނޑާއި ގޮހޮރުގެ ބައެއް ބަލިތައް ( ކްރޯންސް ބަލި، އަދި ސިލިއެކް ބަލި) ޖެހުމަށް މެދުވެރިވާ މާއްދާ އެކެވެ.
ފުރެއްދެ އަލައިގެ ޚާއްޞަ ސިފަތައް
ފުރެއްދެ އަލައަކީ ހަށިގަނޑަށް ހަކަތަ ލިބިދޭ، ގުލޫޓެން ނުހިމެނޭ ކާނާއެކެވެ. މީގެ އެންމެ ޚާއްޞަ ކަމަކީ މިއީ ފައިބަރާއި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް އެކުލެވޭ ކާނާއަކަށްވުމެވެ. ފުރެއްދެ އަލަ އިން ހަކަތަ ލިއްބައިދެނީ އޭގައި ހިމެނޭ ސާސްތާ ކާބޯހައިޑްރޭޓްގެ ގޮތުގައި ބެލެވޭ “އެމިލޯޒް” އަދި “އެމިލޯޒް ޕެކްޓިން” ގެ ސަބަބުންނެވެ. ނަމަވެސް ފުރެއްދެ އަލައިގައި ސަރުބީ އަދި ޕްރޮޓީން ހުންނަނީ އެފަދަ އެހެން ބާވަތްތަކާ އަޅާބަލާއިރު މަދުންކަން ފާހަގަ ކުރެވެއެވެ.
ފުރެއްދެ އަލައިގައި ބީޓާ ކެރޮޓީން، ކްރިޕްޓޯޒެންތިން އަދި ވިޓަމިން އޭ ފަދަ މުހިންމު މާއްދާތައް ހިމެނެއެވެ. އަލައަކީ ސިއްހަތަށް ފައިދާހުރި އަދި ރީތި އޮމާން ހަންގަނޑެއް ލިބިދިނުމަށް އެހީތެރިވެދޭ ފަލަމަޑީގެ ކާނާއެކެވެ.
ފުރެއްދެ އަލައިން ލިބޭ ޞިއްޙީ ފައިދާތައް؛
ފުރެއްދެ އަލައިގައި ހިމެނޭ ވިޓަމިން ބީގެ ވައްތަރުތަކާއި، ޒިންކު، މެގްނީޒިއަމް، ކޮޕަރ، ދަގަނޑު، މެންގަނީޒް އަދި ޕޮޓޭސިއަމް ފަދަ މައުދަންތަކަކީ ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އަދި މިއީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކާނާއެކެވެ.
ފުރެއްދެ އަލަ އަކީ ރަގަޅަށް ބޮޑުނުވާ ކުދިންނަށް ވެސް ކާންދޭން ރަގަޅު ފައިދާހުރި ބާވަތެކެވެ.
ފަހުގެ ދިރާސާއިން ދައްކާގޮތުގައި ފުރެއްދެ އަލައަކީ ހަށިގަނޑުން ވިހަ ސާފުކޮށްދީ، މޭގަނޑު ރައްކާތެރިކޮށްދެނިވި ބާވަތެކެވެ. މީގެ އިތުރުން މިއީ ތަފާތު އެލާރޖީ ހުންނަ މީހުންނަށް ވެސް ބޭނުންކުރަން ރަގަޅު ބާވަތެކެވެ.
ގޮބޮޅި އަލައިގެ ޚާއްޞަ ސިފަތައް
ގޮބޮޅި އަލައަކީ ފައިބަރުން މުއްސަނދި، ވަރަށް ފަސޭހައިން ހަޖަމުކުރެވޭ ކާނާއެކެވެ. މިއީ ކާބޯހައިޑްރޭޓުން މުއްސަނދި ބާވަތެއްކަން ފާހަގަކޮށްލެވެއެވެ. ގޮބޮޅި އަލައިގައި 75.5 އިންސައްތަ އަކީ ކާބޯހައިޑްރޭޓެވެ. މިއީ ދުޅަހެޔޮ ސިއްހަތަކަށް ހަމަ އެންމެ ފުރިހަމަ ބާވަތެކެވެ. ގޮބޮޅި އަލައިގައި އެކަށޭނަ ވަރަކަށް ފައިބަރު ހުރެއެވެ. ފައިބަރަކީ ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންތެރި މާއްދާ އެކެވެ. އެގޮތުން ފައިބަރަކީ ގޮހޮރުގައި ހުންނަ ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ ބަނޑުގެ ރިހުން ލުއިކޮށްދީ، ބަނޑުހިކުން ކުޑަކޮށްދީ، ބަނޑު ފަސޭހަކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފައިބަރަކީ ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ފައިބަރަކީ ލޭގައި ހަކުރު މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ގޮބޮޅި އަލައިން ލިބޭ ޞިއްޙީ ފައިދާތައް
ގޮބޮޅި އަލައިގައި ހުންނަ ފައިބަރަކީ ބަނޑުހަރުވުމާއި ބޮޑުކަމުދިއުމަށް އުނދަގޫވުން ދުރުކޮށްދޭ، ހަޖަމުކުރުން ފަސޭހަކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން މިއީ ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކާނާއެކެވެ. ހަމައެހެންމެ މިއީ ބޭކާރު ސަރުބީ ވިރުވައި ބަނޑުގައި ޖަހާ ބޭކާރު މަސްތައް ވިރުވައި ބަނޑުހިންދުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި އަލަ ފަދަ ފަލަމަޑީގެ ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ހިމެނޭތީ، އަޅުގަނޑުމެންގެ މަންމަމެން ، މާމަމެންގެ ސިއްހަތު ހާދަހާ ވާ ދުޅަހެޔޮވެފައި ހަށިގަނޑުވެސް އެހާމެ ލޫޅާފައްޗެވެ. ބަނޑެއްލާތީ ކަންބޮޑުވެގެން އެމީހުން ނޫޅޭއިރު އަޅުގަނޑުމެން ޅަޒުވާނުން މިއުޅެނީ ބަނޑުލާތީ ކުރާނެކަމެއް ނޭނގިގެންނެވެ. އެކިކަހަލަ ތައްޔާރީ ކާނާއާއި ޕެކެޓް ކާނާތައް ދޫކޮށް ނިކަން އަލަ، ކައްޓަލަ ފަދަ ކާނާތަކަށް ސަމާލުވަމާ ހިނގާށެވެ. ޔަގީނެވެ، ނަތީޖާ ހަމަ އެއްވަނައަކަށް ފައްކާ ވާނެއެވެ.
ދެ ބާވަތުގެ ތަފާތުތައް؛ ފުރެއްދެ އަލަ އާއި ގޮބޮޅި އަލައިގެ މައިގަނޑު ތަފާތަކީ އޭގެ ކާބޯހައިޑްރޭޓްގެ މިންވަރެވެ. ގޮބޮޅި އަލައިގައި ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭއިރު، ފުރެއްދެ އަލައިގައި އެންޓިއޮކްސިޑެންޓްތައް ގިނައިން ހިމެނެއެވެ. އެހެންކަމުން ކާބޯހައިޑްރޭޓް މަދުން ބޭނުންކުރަން ޖެހޭ މީހުންނަށް ފުރެއްދެ އަލަ އެކަށީގެންވާއިރު، ހަކަތަ ބޭނުންވާ މީހުންނަށް ގޮބޮޅި އަލަ އެކަށީގެންވެއެވެ.
ކައްކާފައި ހުންނަ ގޮބޮޅި އަލައިގެ ޖޯޑެއްގައި ހުންނަނީ ފެޓުގެ އެންމެ ގުރާމެކެވެ. ގޮބޮޅި އަލައިގައި ހުންނަ ސަރުބީ އަކީ ވެސް ހަށިގަނޑަށް އެހާ ގެއްލުންހުރި ސަރުބީއެއް ނޫންކަން ފާހަގަ ކުރެވެއެވެ.
ފުރެއްދެ އަލަ އާއި ގޮބޮޅި އަލައަކީ ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި މުހިންމު ދައުރެއް އަދާކުރާ ދެ ބާވަތެވެ. މި ދެ ބާވަތަކީވެސް އެކި ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާ، އަދި ޞިއްޙީ ގޮތުން މުހިންމު ކާނާއެވެ. ނަމަވެސް އެމީހެއްގެ ޞިއްޙީ ހާލަތަށް ބަލައި، އެކަށީގެންވާ ބާވަތް ޚިޔާރުކުރުމަކީ މުހިންމު ކަމެކެވެ.

