ވިޓާ ހައިޓްސް ކުންފުނީގެ ރިސޯޓު ތަރައްޤީކުރާ ސަރަޙައްދަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް ޒިޔާރަތްކުރައްވައިފި
ކ. އަތޮޅުގެ ބޮލިދުއްފަރު ލަގޫން ޕްލޮޓްގައި ވިޓާ ހައިޓްސް ކުންފުނިން ތަރައްޤީކުރަމުންދާ ރިސޯޓުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމް އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފިއެވެ. މި ދަތުރުގައި މިނިސްޓަރާއެކު މިނިސްޓްރީގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ޒިޔާރަތަކީ އެމަނިކުފާނު ގަވާއިދުން ކުރައްވަމުން ގެންދަވާ ސައިޓް އިންސްޕެކްޝަންތަކުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ގޮތާއި، ކުރިއަށް ގޮސްފައިވާ މިންވަރު ވަޒަންކުރެއްވުމެވެ.
މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ރިސޯޓުގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން ބައްލަވައި، މަސައްކަތް ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްރޫޢުގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަދަ ޒިޔާރަތްތައް ކުރެއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ގާތުން ބެލުމަށާއި، ދިމާވާ ދަތިތަކަށް އަވަސް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

