މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް މިއަދާ ހަމައަށްވެސް ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށާއި އެކަމާއި ގުޅިގެން މެލޭޝިޔާގެ ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދާދި ދެންމެއަކު ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން ބުނީ ޔުމްނުއާ ސުވާލު ކުރުމުގެ އިންތިޒާމު، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ހަމަޖެއްސުމަށް ތައްޔާރުވެފައި ތިބި ކަމަށެވެ. އެގޮތުން، އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް އެ ބަޔާނުގައި ބުނެފައި އެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވެ އެވެ. މީގެ އިތުރުން، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށާއި، މެލޭޝިޔާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުޅޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހާދިސާއާ ބެހޭ ވާހަކަތައް ޔުމްނު އޭނާގެ އާއިލާއާ ހިއްސާކޮށްފައިވާއިރު ބައެއް ވާހަކަތައް އާއިލާގެ ފަރާތުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެގޮތުން ލައިވް ބްރޯޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށެވެ.

