އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު، މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައުދު ބަންދުން ދޫކޮށްލިކަން އެނގުނީ، އޭނާގެ ބަންދާ ގުޅިގެން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުމަކުންނެވެ. ހައިކޯޓުން މިއަދު ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. މައްސަލަ ބާތިލުކުރީ ރައުދުގެ ފަރާތުން އެކަމަށް އެދުމުން ކަމަށާއި، އެއީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލުމާ ގުޅިގެން ކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެ އެވެ.
21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދުގެ މުއްދަތު ދެތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން މުއްދަތު އިތުރުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 20 ދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވާން އަދި ގިނަ ދުވަސްތަކެއް އޮއްވައި ރައުދު ދޫކޮށްލި ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރައުދު ހިމެނޭ ގޮތަށް ގިނަ ބައެއްގެ މޯބައިލް ފޯނު ހިފަހައްޓާފައެވެ. އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

