މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގައި ހައްޔަރުކުރުމަށް ފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި ބަންދުން ދޫކޮށްލި ރައުދު އަހްމަދު ޒިލާލް މިއަދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ރައުދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އައު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. މިއީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖެހި 20 ދުވަސް ހަމަނުވަނީސް ކުރެވުނު ހައްޔަރެކެވެ.
ރައުދު ބަންދުން ދޫކޮށްލާފައިވާކަން ހާމަވެފައިވަނީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މިއަދު ތާވަލުކޮށްފައި އޮއްވައި، އެ މައްސަލަ އަނބުރާ ގެންދިއުމުންނެވެ. ފުލުހުން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މަތިން، ހާދިސާ ހިނގި ރޭގެ ފަހު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން އެކި ފަހަރު މަތިން ރައުދުގެ ބަންދު އިތުރުކޮށްދިން އިރު، ގާތްގަނޑަކަށް މަހެއްހާ ދުވަހު ބަންދުގައި ހުރި ރައުދު، ތަހުގީގަށް އެއްބާރުލުން ދިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މައްސަލަ ތަހުގީގު ކުރުމަށް ވަކި ކޮމިޝަނެއް
ޔުމްނު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައި ނުދޭ ކަމަށް އާއިލާއިން ފުލުހުންނަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، މި މައްސަލަ ތަހުގީގު ކުރުމަށް ވަކި ކޮމިޝަނެއް ވަނީ އުފައްދާފައެވެ. އަދި ސަރުކާރުން ވެސް ވަނީ ޔުމްނުގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީ، އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ހާދިސާގެ އިތުރު ތަފްސީލު؛
މި ހާދިސާގައި އަނިޔާވި ޔުމްނު އެންމެ ފުރަތަމަ ދިޔައީ މއ. މާންދުގެދެކުނުގެއަށެވެ. އެގެއަށް ޔުމްނު އާއި ރައުދުގެ އިތުރުން ހަތް ޒުވާނުން ދިޔައީ “ޕާޓީ” އެއްގައި ބައިވެރިވުމަށް ކަމަށްވެއެވެ.
މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަކީ
- އާއިޝަތު ލަޔާލީ އިގުބާލު،
- އިޒުދިޔާން މުހައްމަދު މައުމޫން،
- ޔޫސުފް އަހުމަދު އަކްރަމް،
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު،
- އާމިނަތު ޖުނެއިނާ ޖަމްޝީދު،
- ހުސެއިން ހަމީސް އަލީ
- އިޖާޖާ ޖާއިޒް އެވެ.
ނަމަވެސް މި މައްސަލައިގައި ރައުދު ފިޔަވައި އިތުރު އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ އެންމެންގެ ފޯނުތައް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.

