ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކްސްޕޯ 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުނީ 1944 ވަނަ އަހަރުއެވެ. އޭގެ 81 އަހަރު ފަހުން މިހާރު ބޭއްވޭ މައުރަޒަކީ ވަރަށް ބޮޑަށް ތަފާތު، ޚާއްޞަ މައުރަޒެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިޔަން އެމެރިކާ ޑޮލަރުގައި މިއަދު ހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިޔަން ގައި ހުރި އުފެއްދުންތެރިކަން.” ވަޒީރު ސައީދު
ވަޒީރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ ސިޔާސަތަކީ “ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރެއްވުން” ކަމަށާއި، ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު، ކްރިއޭޓިވް އިކޮނޮމީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު ދާއިރާއެއްގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.
މިފަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ޚާއްޞަ ސަރަހައްދެއް ހިމެނިފައިވާކަން ފާހަގަކުރައްވަމުން، މިއީ މި ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެނިހެން ސިނާޢަތްތައްވެސް ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

