މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި ވަގުތުތަކުގައި، މާތްﷲ ގެ ބަރަކާތާއި ފުއްސެވުމާއި ރުއްސެވުމުގެ ތެރޭގައި އުޅެންޖެހޭ ބައެއްކަމަށާއި ޢަމަލުތަކުގެ ތެރެއިން އެންމެ ބަރަކާތްތެރި ޢަމަލަކީ މާތްﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ ޢަމަލުތައް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން” މިއެވެ.
ހުތުބާގައި ބުނީ މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށާއި، އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މައްސަރު ކަމަށެވެ. އަދި ހައްޖު މަމަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މާތް اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށާއި، އަދި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށާއި، އެ ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތްﷲ އަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، އެކަލާނގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ވެސް ހުތުބާގައި ވެއެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަން ފާހަގަކުރަމުން ހުތުބާގައި ގޮވާލެއްވީ މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައި ވުމަށާއި، އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ސޯލިހު އަމަލުތައް ގިނަކުރުމަށެވެ. އަދި ﷲގެ ހަޟުރަތުގައި މަތީ ދަރަޖައެއް ލިބޭތޯ ވާދަ ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

