ހުޅުމާލޭ ފޭސް 2 ގެ ނިކަގަސްމަގު ބީޗް ސަރަޙައްދުގައި ހުއްދަނެތި ޑްރޯން އަރުވަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 20:40 ހާއިރުއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ސަރަޙައްދުގައި ޑިއުޓީގައި ތިބި ފުލުހުންނަށް ޑްރޯން އަރުވަމުންދިޔަ މީހަކު ފެނުމާ ގުޅިގެން، އެ މީހާއާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރަން މަސައްކަތްކުރުމުން، އޭނާ ވަނީ ހުއްދަ ދެއްކުމަށް އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ.
އިތުރަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، އެ މީހާ ވަނީ ހަޑިހުތުރު ބަހުން ފުލުހުންނާ މުޢާމަލާތުކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައި ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި އޭނާ ވަނީ ހުޅުމާލޭ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކުރެވިފައެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމާ ގުޅިގެން އޭނާއަށް ވަނީ ނަސޭހަތް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުން ވަނީ ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި ތުހުމަތާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑްރޯން އެރުވުމަކީ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދަންޖެހޭ ކަމެކެވެ. އަދި ހުއްދަ ނެތި ޑްރޯން އެރުވުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

