ލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އިއްޔެ ރައުދު ބަންދުން ދޫކޮށްލި ނަމަވެސް، އާ އަމުރެއްގެ ދަށުން ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ހައްޔަރުކުރެވުނެވެ. ރައުދު އިއްޔެ ދޫކޮށްލެވުނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދީފައިވާ 20 ދުވަސް ހަމަނުވަނީސްކަން ފާހަގަކުރެވެއެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ގޮތް
ގ. އެރިޔަދޫ، ރައުދު (21) ގެ ބަންދުގެ މުއްދަތު މިހާތަނަށް ވަނީ ޖުމްލަ ހަ ފަހަރު އިތުރުކޮށްފައެވެ. އެގޮތުން:
އެންމެ ފުރަތަމަ ފަހަރު: 5 ދުވަސް
ދެވަނަ ފަހަރު: 10 ދުވަސް
އޭގެ ފަހުން: 5 ދުވަސް
އެންމެ ފަހުން: 20 ދުވަސް
ޔުމްނު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ހާދިސާގައި އަނިޔާވި ޔުމްނު އެންމެ ފުރަތަމަ ދިޔައީ މއ. މާންދުގެދެކުނުގެއަށެވެ. އެގެއަށް ޔުމްނު އާއި ރައުދުގެ އިތުރުން ހަތް ޒުވާނުން ދިޔައީ “ޕާޓީ” އެއްގައި ބައިވެރިވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަކީ އާއިޝަތު ލަޔާލީ އިގުބާލު، އިޒުދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހުމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އާމިނަތު ޖުނެއިނާ ޖަމްޝީދު، ހުސެއިން ހަމީސް އަލީ އަދި އިޖާޖާ ޖާއިޒް އެވެ. ނަމަވެސް މި މައްސަލައިގައި ރައުދު ފިޔަވައި އިތުރު އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ އެންމެންގެ ފޯނުތައް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައި ނުދޭ ކަމަށް އާއިލާއިން ފުލުހުންނަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، މި މައްސަލަ ތަހުގީގު ކުރުމަށް ވަކި ކޮމިޝަނެއް ވަނީ އުފައްދާފައެވެ. އަދި ސަރުކާރުން ވެސް ވަނީ ޔުމްނުގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީ، އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

