“ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް” ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ނަސީމީވިލާ، އުމުރުން 29 އަހަރުގެ އިސްމާޢީލް ސަމީމެވެ.
ފުލުހުން މިރޭ ބުނީ، ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުން ބުނީ އޭނާ ގެއްލުން ދީފައި ވަނީ މާލޭގެ ޗާންދަނީ މަގު، އިސްކަންދަރު ސްކޫލް ކުރިމައްޗަށް ހުރި ޑިސްޓްރިބިއުޝަން ޕެނަލަކަށެވެ. އަދި މި ޕެނަލަށް ގެއްލުން ދިނުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
މީގެކުރިން ވެސް ބައެއް ޑިސްޓްރިބިއުޝަން ޕެނަލްތަކަށް މީހުން ވަނީ ގެއްލުންތައް ދީފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ފުލުހުން އެތައް ފަހަރުމަތިން މީހުން ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ޑިސްޓްބިއުޝަން ޕެނަލަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި މަރުވެސް ވެފައިވެއެވެ.

