ގދ. ރަތަފަންދޫ ކައުންސިލްގެ މެންބަރުން އާރްޑީސީގެ އެމްޑީއާއި އިސްފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.
ގދ. ރަތަފަންދޫ ކައުންސިލްގެ މެންބަރުން ވަނީ ދާދިފަހުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އަދި އެ ކުންފުނީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 ވީ ބުރާސްފަތި ދުވަހުގައެވެ.
މި ބައްދަލުވުމުގައި ރަތަފަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެވުނެވެ. އާރްޑީސީން ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމުގައި، ވަކި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތްކަން، ރަތަފަންދޫގެ ތަރައްޤީއަށް އެ ކުންފުނިން އިސްކަން ދިނުމުން ހާމަވެގެންދެއެވެ.
އާރްޑީސީއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ރަށްތަކުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

