ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
އާރްޑީސީން ދިން މަޢުލޫމާތުގައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ނައިފަރުގައި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތާއި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށަށް ފޮނުވުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.
ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި، ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށްވެސް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.
ގދ. ގައްދޫގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢުގެ ދަށުން ސައިޓު ސާފުކުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އަދި ހއ. އިހަވަންދޫގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އޯކިޑް މަގުގައި ދުވާރު އެޅުމާއި ލެވެލިންގގެ މަސައްކަތް ކުރިއަށްދާކަންވެސް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.

