މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް މފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ޅައިމަގުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި ބީއެމްއެލްއިން ވަނީ ޅައިމަގު ކައުންސިލަށް ރަމްޒީ ކާޑެއް ހަދިޔާކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް “ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަކީ ރައީސް މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް” ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއްކަމަށް ފާހަގަކުރެއްވިއެވެ.
ޅައިމަގުގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމެވެ.

