ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. ފީވަކާއި ށ. ފޯކައިދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ދެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
މި ދެ ރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެ ރަށްރަށުގެ ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ފައިސާ ނަންގަވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އޭޓީއެމްގެ ޚިދުމަތްތައް ރަށްރަށުގައި ޤާއިމުކުރެވެމުންދަނީ ބީއެމްއެލްއިން ލިބޭ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. އަދި ބޭންކުން ފައިސާ ނެގުމަށް އެހެން ރަށަކަށް ދަތުރުކުރަން ޖެހުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު ތަކުލީފެއް ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ.
ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބީއެމްއެލްއާއި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅު، ދ. އަތޮޅު، ނ. އަތޮޅު، މ. އަތޮޅު އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި މިއަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ބޭންކުގެ އަމާޒެކެވެ.

